މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބަލިޖެހޭ މިންވަރު ދަށްވި ނަމަވެސް، މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު ޑެންގީ ހުން ޖެހިގެން 794 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 527 އަށް ދަށްވެފައެވެ. އަރިދަފުސް ރޯގާ ޖެހިގެން މެއި މަހު 48,772 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު އެ އަދަދު ވަނީ 40,457 އަށް ދަށްވެފައެވެ. މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން މެއި މަހު ރިޕޯޓްކުރި 4,726 ކޭސް، ޖޫން މަހު ވަނީ 4,442 އަށް މަދުވެފައެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޖޫން މަހު ޓެސްޓްކުރި 451 ސާމްޕަލްގެ ތެރެއިން 142 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމުލަ 999 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ޖުމުލަ ގޮތެއްގައި ބަލިތައް މަދުވި ނަމަވެސް، އައްޑޫ ސިޓީ ފަދަ ބައެއް ސަރަހައްދުތަކުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރަށުތެރެ ސާފުކުރުމުގެ މަސައްކަތްތައް ކައުންސިލްތަކުން މިހާރު ވަނީ ފަށާފައެވެ.
ޑެންގީން ރައްކާތެރިވުމަށްޓަކައި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމުގެ އިތުރުން، ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާޚާނާ ކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުމަށާއި، ސާފު ބޯފެން ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި، ކުރުނބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު ވީހާވެސް މަދު މީހުން ދިއުމަށާއި، ކުޑަކުދިންނާއި މާބަނޑު މީހުން ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުމަށްވެސް ވަނީ އެދިފައެވެ.
ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. މީގެ އިތުރުން، މި ދުވަސްވަރަކީ ރާއްޖޭން މީގެ ކުރިން ނައްތާލައިފައި އޮތް ހިމަބިހި ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނަ ގައުމަކަށް ރާއްޖެ ވެފައިވާތީ މިކަމަށް އެންމެހާ ރައްޔިތުން ސަމާލުވާންޖެހެއެވެ.



