ސްކޭމްތަކުން ގެއްލުނު ތިންލައްކައިގެ ތެރެއިން ލައްކައެއް ފުލުހުން ހޯދައިދީފި!

މިދިޔަ ހަފްތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލުނު ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން، ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ޖުލައި 5 އިން 11 ގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމްލަ 36 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 365,626.56 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް ފުލުހުން އެޅި އަވަސް ފިޔަވަޅުތަކާއެކު އޭގެ ތެރެއިން 117,439.50 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދިފައެވެ.

އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރި ގޮތުގައި، މި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލަކީ:

  • އީ-ކޮމާސް / އޮންލައިން ވިޔަފާރި: 24 މައްސަލަ

  • ޑޮލަރު މާރުކުރުމުގެ މައްސަލަ: 3 މައްސަލަ

  • އެހެން މީހަކަށް ހެދިގެން އޮޅުވާލުން: 2 މައްސަލަ

  • ވަޒީފާގެ ސްކޭމް : 2 މައްސަލަ

  • އެހެނިހެން ބާވަތުގެ ސްކޭމް: 3 މައްސަލަ

ފުލުހުން ވިދާޅުވި ގޮތުގައި މި ސްކޭމްތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ވައިބާ، ވަޓްސްއެޕް، އަދި މެސެންޖާ ފަދަ މެސެޖިން މަންސަތަކެވެ. މީގެ އިތުރުން އައިބޭ، ފޭސްބުކް މާކެޓްޕްލޭސް، ފޯން ކޯލްތައް އަދި އޮޅުވާލައިގެން ފޮނުވާ ސައްހަނޫން ލިންކުތައް މެދުވެރިކޮށް ވެސް މަކަރާއި ހީލަތް ހަދާފައިވެއެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކަކީ ސައްހަ ބައެއްކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނުދަންނަ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، ފައިސާ ބަދަލުކުރުމުގެ ކުރިން މުދަލެއް ހުރިކަން ޔަގީންކުރުމަށް އެންޓި ސްކޭމް ސެންޓަރުން އާންމުންނަށް ހަނދާންކޮށްދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް