ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ކުށް ސާބިތުވި ސާހިލް އަލީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް، އޭނާގެ ފަރާތުން އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އޮގަސްޓް 2022 ގައި ހ. ޝީރީންވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ސާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލިއެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާއެވެ. އެ ދެ ކުށް ސާބިތުވުމާ ގުޅިގެން ކޯޓުން އޭނާގެ މައްޗަށް އިއްވީ ތިން އަހަރާއި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި ހުކުމް އިސްތިއުނާފުކުރުމަށް މީގެ ދެ މަސް ދުވަސް ކުރިންވެސް ސާހިލްގެ ފަރާތުން ހުށަހެޅިއެވެ. ނަމަވެސް، ހުށަހެޅި ލިޔެކިޔުންތަކުގައި ހުރި މައްސަލަތަކެއްގެ ސަބަބުން އޭރު ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަނެއެވެ. މިފަހަރު މައްސަލަ އިސްތިއުނާފަށް މި ހުށަހެޅީ އެ އިޖުރާއާތުތައް އިސްލާހުކުރުމަށްފަހުގައެވެ.
ސާހިލްގެ މައްޗަށް ކުރާ ބާކީ ތިން ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށްދާއިރު، އެ ދައުވާތަކުގައި މިހާރު އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. އެހެންކަމުން، މަރުގެ އަސްލު މައްސަލައާ ގުޅުންހުރި ބޮޑެތި ދައުވާތަކުގެ ފަހުގެ ނިންމުންތައް ކުރިއަށް އޮތް ތަނުގައި ކޯޓުން އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.




