މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ މުއައްސަސާއިން އާންމުކުރި ވޭތުވެދިޔަ ހަފުތާގެ ތަފާސްހިސާބުތަކުގައެވެ.
ވޭތުވެދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 12 ހާދިސާއެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބަލިމީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއުއޭޝަންގެ 4 ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ (ހެޒްމަތް) 1 ހާދިސާއެއްގެ އިތުރުން 1 ރެސްކިއު އޮޕަރޭޝަނެއް އަދި އެހެނިހެން ބާވަތުގެ 1 ހާދިސާއެއްގައި އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާތައް ރާއްޖޭގެ އެކި ކޮމާންޑްތަކަށް ބެހިގެންގޮސްފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ. ސެންޓްރަލް އޭރިއާ ކޮމާންޑް އަދި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ 1 ހާދިސާގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ހުއްޓުމެއް ނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުންނެވެ.



