ނޯތު ހާބަރު

މާލޭ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޖާގަ (ސްލޮޓް) ދޫކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. މިއީ ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައި ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށް، އިތުރު 6 ސްލޮޓެއް ދޫކުރުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

މި ސްލޮޓްތައް ދޫކުރާނީ ބިޑް އުސޫލުންނެވެ. މިތަންތަން ކާމިޔާބުކުރާ ފަރާތްތަކަށް އެ ސަރަހައްދުގައި މުދާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން ބަހައްޓައިގެން ބޯޓުފަހަރަށް ސީދާ ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. މީގެ ސަބަބުން ދުރުގައި ހުންނަ ފިހާރަތަކުން މުދާ އުފުލުމުގެ ބަދަލުގައި، ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު މުދާ ލިބެން ހުރުމަކީ އޮޑިވެރިންނަށާއި ވިޔަފާރިވެރިންނަށްވެސް ލިބޭނެ ބޮޑު ފަސޭހައެކެވެ.

ޖާގަތައް ދޫކުރުމުގައި އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މީގެ މައިގަނޑު މަގުސަދުތަކަކީ:

  • ބޯޓުފަހަރަށް ވީހާވެސް އަވަހަށް މުދާ ފޯރުކޮށްދިނުން.

  • ހެޔޮ އަގުގައި މުދާ ލިބޭނެ މަގު ފަހިކޮށްދިނުން.

  • އަމިއްލަ ފަރާތްތަކުން މުދާ ދޫކުރި ނަމަވެސް، ބޯޓުފަހަރަށް މުދާ ޑެލިވަރީ ކުރުމުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ހޯދައިދިނުން.

ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް ބައެއް ބޮޑެތި ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ހިމެނެއެވެ. މިކަމުގެ ސަބަބުން ދޯނިފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި މިހާރުވެސް ބޮޑު ފަސޭހައެއް ލިބެމުންދާކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް