އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން ތައިލެންޑްގައި ބާއްވާ ޚާއްޞަ ސަރަޙައްދީ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
"ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަރ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ނަމުގައި ކުރިއަށްދާ މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 20 އިން 21 އަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ މި ދަތުރުފުޅަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ވަކިން ޚާއްޞަކޮށް، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި، މިހާރު ދުނިޔޭގައި އިތުރުވަމުންދާ ނެޓްވޯކް ސްކޭމްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ގުޅިގެން މަސައްކަތްކުރުމަށް މި ސަމިޓުގައި މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށާއި، ޒަމާނީ ކުށްތަކުން ރައްކާތެރިވުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ފުރުޞަތުތައް ދިވެހި ފުލުހުންނަށް ހޯދުމާ ގުޅޭގޮތުން ވެސް އެކި ޤައުމުތަކުގެ އިސްވެރިންނާއެކު ސީޕީ މަޝްވަރާކުރައްވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުގެ މައްސަލައަކީ މިހާރު ރާއްޖެއަށް ވެސް ބޮޑު ގޮންޖެހުމަކަށް ވެފައިވާތީ، މި ސަމިޓުގެ ސަބަބުން އެފަދަ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




