އިސްރާއީލުން ފަލަސްތީނުގެ ބިންތައް ޣައިރުޤާނޫނީ ގޮތެއްގައި ހިފުމަށް ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަނެއްކާވެސް ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ މިޞްރުގެ ކައިރޯގައި މިއަދު ކުރިއަށްދިޔަ "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައެވެ. "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލެސްޓިންގ ޕީސް" ގެ ޝިއާރުގެ ދަށުން ބޭއްވި މި ކޮންފަރެންސަކީ ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވީ އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ.
ސަފީރުގެ ތަޤުރީރުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުންތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ އިސްތިއުމާރީ ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ނިކަމެތި ޙާލަތަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) ގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ އެޖެންސީއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން އިތުރުކުރުމަށް ރާއްޖެއިން ގޮވާލެއްވިއެވެ.
ރާއްޖޭގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޤުދުސްގެ މުޤައްދަސް ބިންތަކުގެ ޤާނޫނީ، ތާރީޚީ އަދި ދީނީ ހައިސިއްޔަތު ޙިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު ދާއިމީކޮށް ނިމުމަކަށް ގެނެސްގެން ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދީގެން މެނުވީ ސަރަޙައްދަށް ދާއިމީ ޞުލްޙައެއް ނާންނާނެ ކަމަށް ރާއްޖެއިން ބުނެފައިވެއެވެ. 1975 ވަނަ އަހަރު އުފެދުނު ސީއައިއާރްޕީޕީ އަކީ ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ މުހިންމު ކޮމިޓީއަކަށްވާއިރު، ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް ޤައުމެވެ.



