މާލެއާއި ސިނަމާލެ ބްރިޖާގައި ހަލިމަގުގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފުތިތާހުކްކޮށްފިއެވެ.
ޓްރެފިކް ފުލުހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
އިސްކަންދަރު ކޮށި 1 ގައި މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ސީޕީ އަހްމަދު ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްއްވާ ކަމަށެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ފަންކްޝަނުން ފާހަގަކުރެއްވިއެވެ.




