ވައިގެ މަގުން ރާއްޖެއަށް ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތުގައި، ކ. ތުލުސްދޫ ބިޖިލީއުފާ، އުމުރުން 29 އަހަރުގެ ރޫނާގެ އިތުރުން ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު (25 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ރޫނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނެރުނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
ފުލުހުން ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މި އޮޕަރޭޝަނުގައި އެންމެ އިސްކޮށް އުޅުނީ ރޫނާއެވެ. އަދި މި މައްސަލާގައި ދެން ހިމެނޭ އަލްޔާ ރާއްޖޭން ބޭރަށް ދަތުރުކުރީވެސް ރޫނާގެ ސީދާ އިރުޝާދާއި ރޭވުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ފުލުހުން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގެ ފޮށިން ފެނުނު ތަކެއްޗާއި، ރޫނާ ދިރިއުޅޭ ގެއިން ފެނުނު ލަގެޖުން ފެނުނު ތަކެތި އެއްގޮތްކަން ފާހަގަކުރެވޭ ކަމަށް ކޯޓުގެ ކުރީގެ ބަންދު އަމުރުތަކުން އެނގެއެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ހާދިސާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯގްރާމް ހުއްޓެވެ.
މި މައްސަލާގައި ކޯޓުގައި ރޫނާގެ ދިފާއުން އެދިފައިވަނީ، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރުމުގެ އޮޕަރޭޝަން ހިންގިއިރު ފުލުހުން ބޭނުންކުރި ބޮޑީ ކެމެރާގެ ރެކޯޑިންތައް ދިފާއަށް ހޯދައިދިނުމަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.




