ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، ހދ. ކުމުންދޫގައި އެންމެ ނަލަކޮށް ދިއްލައި ޒީނަތްތެރިކުރާ ގޭގެއަށާއި މުއައްސަސާތަކަށް ފައިސާގެ އިނާމު ދޭ ބޮޑު މުބާރާތެއް ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ކުމުންދޫ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތައް ގުޅިގެން ބާއްވާ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޖުލައި 26، 27 އަދި 28 މި ތިން ދުވަހު އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަންވާނެއެވެ.
މުބާރާތުގެ ކެޓަގަރީތަކާއި އިނާމުތައް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އާންމު ގޭބިސީތަކަށް ޚާއްސަ ކެޓަގަރީއަކާއި، ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކަށް ޚާއްސަ ކެޓަގަރީއެކެވެ.
ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މޮޅު ތިން ތަނެއް ހޮވައި، ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އިނާމުތައް ބަހާލެވިފައިވާ ގޮތަކީ:
-
1 ވަނަ އިނާމު: -/1،500 ރުފިޔާ
-
2 ވަނަ އިނާމު: -/1،000 ރުފިޔާ
-
3 ވަނަ އިނާމު: -/500 ރުފިޔާ
ސުންގަޑި: މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވާން އެދޭ ފަރާތްތަކުން މި ހިނގާ ޖުލައި މަހުގެ 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ހުށަހަޅަންޖެހޭނެ ކަމަށް ކުމުންދޫ ކައުންސިލުން ބުނެއެވެ.



