ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދެން އެންމެ އަވަހަށް އަމަލީ މަސައްކަތް ފަށާނީ ނޯތު ހާބަރު (އެމްޕީއެލް ސަރަހައްދު) އިން ފެށިގެން ރަސްފަންނާ ދެމެދު އޮތް ބައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ޕަލްސް ޕޮޓްކާސްޓް" ގެ 4 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ތާރުއަޅާފައިވާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދުގެ ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ. އެ ބައި ނިމުމާއެކު ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދެން މަސައްކަތް ފަށާ ސަރަހައްދަކީ މިހާރު އެންމެ ބޮޑަށް ހަލާކުވެ، ގައުތައް މުގުރިފައިވާ ސަރަހައްދެވެ. އެހެންކަމުން އެ ބައި ހަދާ ނިމުމުން، މާލޭގެ ބާޒާރުމައްޗާއި ވިޔަފާރިތައް ހުންނަ ސަރަހައްދުގެ އިތުރުން އެތެރޭގެ މަގުތަކުގެ ތޮއްޖެހުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ގޮތަށް ދެ ލޭނު ހިމަނައިގެން ތަރައްޤީކުރުމުން މުޅި މާލޭގެ ޓްރެފިކް ފްލޯއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަގު ހެދުމުގެ މަސައްކަތާއެކު، މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރު މަގުން ބައެއް ހިއްކާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރިން މަގުމަތީގައި ޕާކުކުރި ކުރުން ހުއްޓާލައި، އަލަށް ހިއްކި ސަރަހައްދަށް ޕާކިން ބަދަލުކުރެވޭނެއެވެ. އެ ތަނުގައި ގާތްގަނޑަކަށް 500 އެއްހާ ސައިކަލު ޕާކުކުރެވޭނެ ޖާގަ ތަނަވަސްވާނެއެވެ. އަދި މަގުގެ ދެފަރާތުގައި ރީތި ގަސްތައް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް ބޮޑުތަކުރުފާނު މަގު ބަދަލުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ތާރުއަޅާފައިވާ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، ބައްތިތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިން ޖޫން މަހަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކުރަނީ މިމަހުގެ 26 އަށެވެ.



