ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުންނެވެ. މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ޙަވާލުކުރާނީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށެވެ. މިއީ ދިވެހި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި އާބަން ޕްލޭނިން އޮނިގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މާލީ ގޮތުން ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު މިކްސްޑް-ޔޫސް ރެސިޑެންޝަލް ޑިވެލޮޕްމަންޓްތަކެއް ގެނެސްދީ، އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
މި ބޮޑު މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، މ. މުލީ، ދ. މީދޫ، ލ. ގަން، ތިނަދޫ ސިޓީ އަދި ފުވައްމުލަށް ސިޓީގައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގައިވެސް ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ނިންމައިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން proposal@infrastructure.gov.mv އަށް ލިޔުމުން ހުށަހަޅަންޖެހެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރޭވުންތެރިކަމާއެކު އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުމެވެ. އެހެންކަމުން ޖާގައިގެ ގޮތުން އެންމެ އެކަށޭނެ، ތިމާވެއްޓާ ރައްޓެހި އިމާރާތްކުރުމުގެ އާދަތައް ހިމެނޭ، އަދި ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ ފަދަ ފަރުމާތައް ހިމެނޭ ޕްރޮޕޯސަލްތަކަށް މިނިސްޓްރީން ޚާއްސަ އިސްކަމެއް ދޭނެއެވެ.




