މޯލްޑިވިއަން އިން ދޫކޮށްލި ޑޭޝް-8 މަރުކާގެ ބޯޓު

މޯލްޑިވިއަން އިން ދޫކޮށްލި ޑޭޝް-8 މަރުކާގެ ބޯޓު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދުވަސްވީ ޑޭޝް-8 މަރުކާގެ އިތުރު މަތިންދާބޯޓެއް ފްލީޓުން ވަކިކޮށް، އަނބުރާ ކެނެޑާއަށް ފޮނުވާލައިފިއެވެ. "ސިއެރާ" ގެ ރޭޑިއޯ ކޯލް ސައިން ދީފައިވާ މި ބޯޓު ރާއްޖެއިން ފުރާފައިވަނީ އިއްޔެއެވެ.

މީގެ 26 އަހަރު ކުރިން އުފެއްދި މި މަތިންދާބޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި 14 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދީފައިވާ ބޯޓެކެވެ. މޯލްޑިވިއަންގެ ޚިދުމަތުގައި ބޭނުންކުރި މުއްދަތުގައި މި ބޯޓު ވަނީ 29،000 އަށްވުރެ ގިނަ ފްލައިޓް ގަޑި ފުރިހަމަކޮށް، 37،000 އަށްވުރެ ގިނަ ފަހަރު ފުރައި އަދި ޖައްސާފައެވެ. މި ދަތުރުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އެތައް ހާސް ފަސިންޖަރުންނެއް ވަނީ އުފުލައިދީފައެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި މި ބޯޓު ކެނެޑާއަށް ފޮނުވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ރިކުއެސްޓް ފޯ ޕްރޮޕޯސަލް މަރުހަލާއަކަށް ފަހުގައެވެ. އަދި މި ބޯޓު މިހާރު ވަނީ އޭތި އުފެއްދި ކެނެޑާގެ ޑި ހެވެލަންޑް ކުންފުންޏާ ހަވާލުކޮށްފައެވެ. މި މުއާމަލާތުގެ ވިޔަފާރީގެ ތަފްސީލުތައް އެއާލައިނުން ހާމައެއް ނުކުރެއެވެ.

ދުވަސްވީ ޑޭޝް-8 ބޯޓުތައް ފްލީޓުން ވަކިކުރަމުންދަނީ އެއާލައިންގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރިއަށްގެންދާ ފްލީޓް އައުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މި ބޯޓުތަކުގެ ބަދަލުގައި މިހާރު ދަނީ އައު ޖީލުގެ އޭޓީއާރު މަރުކާގެ މަތިންދާބޯޓުތައް ފްލީޓަށް އިތުރުކުރަމުންނެވެ. އައު ބޯޓުތަކުގެ ސަބަބުން ފަސިންޖަރުންނަށް އިތުރު ފަސޭހަތަކާއި އަރާމު ލިބުމުގެ އިތުރުން ތެލަށް ކުރާ ހޭދަ ކުޑަވެ، ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ޚިދުމަތަކަށް ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިހާރުވެސް ބައެއް އޭޓީއާރު ބޯޓުތައް ގެނެސް ޚިދުމަތް ދެމުންދާއިރު، މިއަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ބޯޓު ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް