މިއަހަރު އައި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށްވުރެ މައްޗަށް، އެންމެ ގިނައީ ޗައިނާ ފަތުރުވެރިން!

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ އެއްވަނަ މަޤާމު ޗައިނާއިން ދަމަހައްޓަމުންދާއިރު، މިއަހަރު އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް އަރާފައިވާކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,155,017 (އެއް މިލިއަން އެއްލައްކަ ފަންސަވީސް ހާސް ސަތޭކަ ސަތާރަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ މާކެޓުގެ ގަދަ 3 ޤައުމު:

 1 ވަނަ - ޗައިނާ: 190,016 ފަތުރުވެރިން

 2 ވަނަ - ރަޝިއާ: 164,067 ފަތުރުވެރިން

 3 ވަނަ - އިނގިރޭސިވިލާތް: 91,574 ފަތުރުވެރިން

ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބު:

މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. އެ އަހަރު އައިސްފައިވަނީ 1,105,567 ފަތުރުވެރިންނެވެ. ނަމަވެސް، ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ އަދަދުތައް ވަނީ 4.8 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1,213,647 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

އެންމެ ގިނަ ފަތުރުވެރިން އައީ ވީއައިއޭ މެދުވެރިކޮށް:

ރާއްޖެއަށް ފަތުރުވެރިން އެތެރެވި ދޮރުތަކަށް ބަލާއިރު، ސިންގަހުން ބޮޑުބައެއް ޙިއްޞާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އެގޮތުން ވީއައިއޭ މެދުވެރިކޮށް 1,125,664 ފަތުރުވެރިން އައިސްފައިވާއިރު، ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ހަނިމާދޫ އެއާޕޯޓުން 2,528 ފަތުރުވެރިން ރާއްޖެ އެތެރެވިއެވެ. މީގެ އިތުރުން ކަނޑުމަގުން (ސީޕޯޓް މެދުވެރިކޮށް) 15,577 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިން މަޑުކުރި ތަންތަން:

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް އަދިވެސް އޮތީ ރިސޯޓުތަކަށެވެ.

 ރިސޯޓުތައް: 820,284 ފަތުރުވެރިން

 ގެސްޓްހައުސްތައް: 258,538 ފަތުރުވެރިން

 ހޮޓެލްތައް: 27,050 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ހިސާބުތަކަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ޕީކް ސީޒަނާ ދިމާކޮށް އިތުރު މާކެޓުތަކުން ފަތުރުވެރިން އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް