މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑު އިސްލާހުތަކެއް ގެންނަން ވަނީ ނިންމާފައެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.
ގެނެވުނު މައިގަނޑު އިސްލާހުތައް
-
5 ދުވަހުގެ "ހޯލްޑް" އުވާލުން: ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުތައް 5 ދުވަހުގެ މުއްދަތަށް ކިއުއިން ކެންސަލް ނުވާގޮތަށް ހިފެހެއްޓުމަށް (ހޯލްޑް ކުރަން) އޮތް ފުރުސަތު މިހާރު ވަނީ މުޅިން އުވާލާފައެވެ. ނަމަވެސް، ކިއު ލަސްކުރުމުގެ ފުރުސަތު ("ޕޯސްޓްޕޯން" ކުރުން) ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ.
-
އެއްފަހަރާ ގިނަ ކިއުތަކުގައި ނޯޓު ނުކުރެވުން: އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށްވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމުގެ ފުރުސަތު ދެން ނުލިބޭނެއެވެ. އުޅަނދެއް ނޯޓުކުރަންވާނީ "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯންގެ ތެރެއިން އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. މީގެ ސަބަބުން އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް ދެން ނޯންނާނެއެވެ.
"އެއް ދަތުރު" މާނަކުރާ ގޮތް: މި އުސޫލުގެ ބޭނުމަށްޓަކައި އެއް ދަތުރުގެ ގޮތުގައި ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާᱜަ ލިބި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ބަނދަރުން ފުރައިގެން ދިއުމާ ހަމައަށެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިވެރިންގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށް ފަހުގައެވެ.




