ޒުވާން ވިޔަފާރިވެރިން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީ ގުޅިއްޖެ

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ޔޫތު އެންޓްރަޕްރިނިއަޝިޕް ފައިނޭންސިން" އިނީޝިއޭޓިވްގެ ދަށުން، ޒުވާނުންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒުވާނުންނަށް ބޭނުންވާ މެންޓާޝިޕާއި، ވިޔާފާރީގެ ތަމްރީނު ދިނުމެވެ. މީގެ އިތުރުން ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމަށް އެހީތެރިވެދިނުމާއި މަޝްރޫއުތައް މޮނިޓާކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު މަގުސަދެކެވެ.

 މި ޕާޓްނަޝިޕާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ ހަމައެކަނި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށެވެ. އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީ ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން މާލީ އެހީއާއި، މެންޓާޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ މުހިންމު އިރުޝާދުތައް ކަށަވަރުވެގެންދާނެއެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒިޔާއު ފާހަގަކުރެއްވި ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ވަރަށް ބޮޑެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ޒުވާނުންގެ އުއްމީދީ އައު ޚިޔާލުތައް ހަގީގީ ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

 މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން، 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ މަރުހަލާ ކުރިއަށްދާނީ މުޅިން ޑިޖިޓަލްކޮށް، ވަރަށް އަވަސް އަދި ފަސޭހަކޮށެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުޅުވާލާފައެވެ.

 މި މަސައްކަތަކީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ބާރެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް