ހިޔާ ޓަވަރު ކައިރިން ފޯނު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، އުމުރުން 50 އަހަރުގެ ޠާހިރު މުޙައްމަދު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 12:32 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދަށް ދިޔައިރު، އޭނާ ހުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައެވެ. އޭނާ ހައްޔަރުކުރި ވަގުތު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި މިފަދަ ކޭބަލް ވައްކަންތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅުގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކަކަށް ގެއްލުންދީ، އާތު ނަރުތަކާއި ކޮޕާ ފޮތިތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެއެވެ. މިފަދަ ވައްކަންތަކުގެ ސަބަބުން އާންމު ހިދުމަތްތަކަށް ބުރޫއަރާ، ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް