މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން، ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހެދުމަށް ނިންމައިފިއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ސާވޭ ހެދުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމެވެ. މި ސާވޭ އަމާޒުކޮށްފައިވަނީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށެވެ.
މި މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސާވޭގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ. މި މުއްދަތުގެ ތެރޭގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެއެވެ.
މި ސާވޭގެ ތެރެއިން މައިގަނޑު ގޮތެއްގައި އޮޅުންފިލުވުމަށް ހަމަޖެހިފައިވަނީ ދަތުރުގެ މައިގަނޑު މަގުސަދާއި، ދަތުރުކުރި ގައުމާއި، ޓިކެޓުގެ ޚަރަދާއި، ހުރުމުގެ ޚަރަދުގެ އިތުރުން މުޅި ދަތުރަށް ޖުމްލަކޮށް ހިނގި ޚަރަދުތަކުގެ ތަފްސީލެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް މި ސާވޭގައި ނުނަގާނެ ކަމަށާއި، އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ. އެހެންކަމުން މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ދިވެހީންގެ ފަރާތުން މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ބޭންކުން ވަނީ އެދިފައެވެ.
އެމްއެމްއޭއިން މިފަދަ ދިރާސާއެއް ކުރަން އިއުލާންކޮށްފައިވާއިރު، ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ގަނެވޭނީ 500 ޑޮލަރެވެ. މީގެ އިތުރުން ގައުމީ ބޭންކް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓުތައް ބޭނުންކޮށްގެން ބޭރަށް ކުރާ ދަތުރުތަކާއި، ބޭސްފަރުވާއާއި ހުރުމުގެ ޚަރަދުތަކަށް ގިނަވެގެން ބޭނުންކުރެވެނީ 3،000 ޑޮލަރެވެ.
މި ޑޮލަރު ލިމިޓުތަކުގެ ސަބަބުން ބޭރުން ބޭސްފަރުވާއާއި އެކި ބޭނުންތަކަށް ދާ ދިވެހީންނަށް ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. ޑޮލަރުގެ ތާށިކަމާއި ކަޅު ބާޒާރު ނައްތާލުމަކީ މި ސަރުކާރުގެ ބޮޑު ވައުދަކަށްވީ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ގިނަ މަސްތަކެއް ވަނީ ވެފައެވެ.




