މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދުގެ ވަގުތެއްގައެވެ.

މި މަސައްކަތުގެ ސަބަބުން ހުޅުމާލެއިން ކަރަންޓު ކެނޑުން އެކަށީގެންވަނީ އެއްވަނަ އަދި ދެވަނަ ނެއިބަހުޑްގެ ސަރަހައްދުތަކުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑް ދުވަހުން ދުވަހަށް ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަކުރުމުގެ މަސައްކަތްތައް ސްޓެލްކޯއިން ދަނީ މެދުނުކެނޑި ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މުޅި ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑި "ބްލެކްއައުޓް" އަކަށް ދިޔުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅޭ ޓަވަރުތަކުން ގިނަ ވަގުތުތަކަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް