އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ޑިޖިޓަލްކުރަން "އިތާ" ޕޯޓަލް ލޯންޗްކޮށްފި

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން "އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައާރަފުކުރި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރު ގީލާ އަލީއެވެ.

މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އިޖުތިމާއީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް އެއްކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި މައްސަލައެއް ހުށަހަޅައި ބަލައިގަންނަ ހިސާބުން ފެށިގެން، އެ މައްސަލައެއް މުޅިން ނިމުމާ ހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހިމެނެއެވެ.

މި ޕޯޓަލްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.

"އިތާ" ޕޯޓަލްގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތަކުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެއެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، މައްސަލަތަކުގެ ތާރީހީ ރެކޯޑުތައް ބެލުމުގައި މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.

މި އައު ނިޒާމާއެކު މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ. މިއީ ރައްޔިތުންގެ ހައްސާސް މައުލޫމާތުގެ ސިއްރުވެރިކަން ހިފެހެއްޓުމަށް ލިބޭނެ ބޮޑު ބާރެކެވެ. މި ބަދަލުގެ ސަބަބުން މިނިސްޓްރީގެ ހިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް