ކ. ގިރިފުށީގެ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ރައީސް މި މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވީ ގިރިފުށީގައި ބޭއްވުނު އެމްއެންޑީއެފްގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހުގައެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން، ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް ފަށާފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމަށް އިތުރު 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު، ރަށުގެ ތަމްރީނު ހަރަކާތްތަކަށް ބޭނުންކުރާ ސަރަހައްދު ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި 375,512 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، އައްސޭރިފަށުގެ ހިމާޔަތަށް 2,712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ގިރުން ހުއްޓުވަން ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރުގެ ފަސޭހައަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުމާއި، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް ހެދުން ހިމެނެއެވެ.
މުޅި މި މަޝްރޫއަކީ ޖުމްލަ 182.79 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ގިރިފުއްޓަކީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކާއި ކެޑޭޓް ކޯޕްސްގެ ކޭމްޕުތައް ބޭއްވުމަށް ބޭނުންކުރާ މައި ހަބަށް ވާއިރު، މި މަޝްރޫއު ނިމުމުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.




