ސ. ފޭދޫގައި ހުންނަ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފުލުހުން ކުރި ހާއްސަ މަސައްކަތުން 24 ގަޑިއިރު ތެރޭގައި ވަގަށް ނެގި ތަކެތި ހޯދައި، އެކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ވައްކަން ހިންގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުން އަތުލައިގަތީ ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެމީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރަން ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވެއެވެ. އޭގެ ފަހުން އެ ދެ މީހުން ދިރިއުޅޭ ސ. ހިތަދޫގެ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އަގުބޮޑު ތަކެތި ވަނީ ފެނިފައެވެ.
ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ހިމެނެނީ 4 ކަރަންޓު ބުރުމާއާއި، ގްރޭންޑަރަކާއި، ޓެބްލެޓެއްގެ އިތުރުން މޮބައިލް ފޯނަކާއި ބައެއް ކަޓަރުތަކެވެ. މީގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ވެސް ވަނީ ހޯދާފައެވެ. ފުލުހުން ބުނާ ގޮތުގައި މި ހުރިހާ ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ރައްދުކޮށްދީފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަހްމަދު ފަރީދު (42 އަހަރު) އަދި ސ. ހިތަދޫ، ހިންދޫރަމާގެ، ހުސައިން ރަޝީދު (42 އަހަރު) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




