މާލެ ސަރަހައްދުގައި ދެމުންގެންދާ ޓެކްސީގެ ހިދުމަތްތައް ހަރުދަނާކޮށް، "މާލެ ޓެކްސީ" އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 25،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
އެމްޓީސީސީ ޓްރާންސްޕޯޓް ޑިވިޝަންގެ ޓެކްސީލައިން ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް މިހާތަނަށް 70،000 އަށްވުރެ ގިނަ ދަތުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ޓްރޭޑް ޑެސްކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ޑިޕާޓްމަންޓުގެ މެނޭޖަރު އަބްދުالله އިއާދު އާދަމް ވިދާޅުވީ، އައު ޓެކްސީ ލައިނާއެކު މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ހޯދުމުގެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
މި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ޓެކްސީ ދުއްވާ ހުރިހާ ޑްރައިވަރުންނަކީ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ބައެއްކަން އިއާދު ފާހަގަކުރެއްވިއެވެ. އެގޮތުން ކަސްޓަމަރ ސަރވިސް، މަގުމަތީގެ ސަލާމަތްތެރިކަން އަދި ފަސްޓް އެއިޑް ފަދަ މުހިންމު ދާއިރާތަކުން ޑްރައިވަރުން ވަނީ ތަމްރީނުކޮށްފައެވެ. މީގެ އިތުރުން، މި ހިދުމަތަކީ މުޅިންވެސް ކޭޝްލެސް ނުވަތަ ނަގުދު ފައިސާ ބޭނުންނުކުރާ ހިދުމަތެކެވެ. ކަސްޓަމަރުންނަށް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އެޕްގެ ވޮލެޓް ރިޗާޖްކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެޕްލިކޭޝަން ބޭނުންކުރުމުގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ދަތުރުތައް ބުކް ކުރެވޭނެއެވެ.
ހިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެޕްލިކޭޝަނަށް މިހާރު ވަނީ އައު ދެ ފީޗާއެއް ތައާރަފްކޮށްފައެވެ. އެއީ "އޮޓޯ ޑްރައިވަރ އެސައިންމަންޓް" އަދި "އިމަރޖެންސީ ބަޓަން" އެވެ. އޮޓޯ އެސައިންމަންޓުގެ ސަބަބުން ކަސްޓަމަރާ އެންމެ ކައިރީގައި އޮންނަ ޓެކްސީއަށް އަމިއްލައަށް ދަތުރު ހަވާލުވެ، ކާރު އަންނަން ހޭދަވާ ވަގުތު ކުޑަވެގެންދެއެވެ. އަދި ދަތުރުމަތީގައި ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހިމަނާފައިވާ އިމަރޖެންސީ ބަޓަނަށް ފިތާލުމާއެކު، ކޮންޓްރޯލް ރޫމްގެ މުވައްޒަފަކަށް އެލާޓް ގޮސް، ކަސްޓަމަރަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ދުރާލާ ދަތުރުތައް ބުކްކުރުމުގެ ފުރުސަތާއި، ލައިވް ޓްރެކިންގ މެދުވެރިކޮށް މެސެޖާއި ކޯލް ކުރެވޭނެ އިންތިޒާމުވެސް އެޕްގައި ހިމެނެއެވެ.
މި ހިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ ކުދި މަގުތަކުގައި އޮންނަ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ މައްސަލަތައް ކަމަށް އިއާދު ފާހަގަކުރެއްވިއެވެ. މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދަތުރުތައް ލަސްވާން ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި ހިދުމަތުގައި 150 ކާރު ބޭނުންކުރަމުންދާއިރު، މީގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ހިމެނެއެވެ. ތިން ސައިޒެއްގެ ކާރުތައް މި ހިދުމަތުގައި ބޭނުންކުރާއިރު، ކުދި ކާރުތަކަކީ މާލޭގެ ހަނި ގޯޅިތަކުން ފަސޭހަކަމާއެކު ދަތުރުކުރެވޭ، ތިން މީހުންގެ ޖާގައާއި ކުދި ލަގެޖު އެރުވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.



