އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެމްބިއުލަންސް ކޮމްޕްލެކްސް ޑިޒައިންކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގައި ޒަމާނީ އެމްބިއުލަންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ގެ ކުރިން ބީލަން ހުށަހަޅަންޖެހޭއިރު، ބިޑް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 އެވެ.

3 ފަންގިފިލާގެ ޒަމާނީ އިމާރާތެއް

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އެމްބިއުލަންސް ޚިދުމަތްތައް ވިލަރެސްކުރާ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް 3 ފަންގިފިލާގެ ޚާއްޞަ އިމާރާތެއް ބިނާކުރާނެއެވެ. މި އިމާރާތުގައި ހިމެނޭނެ ބައިތަކަކީ:

  • 24 ގަޑިއިރު ޚިދުމަތްދޭ އިމަޖެންސީ މެޑިކަލް ޑިސްޕެޗް އެންޑް ކޯލް ސެންޓަރު

  • އެމްބިއުލަންސް ގަރާޖާއި މަރާމާތުކުރާ ވޯކްޝޮޕް

  • އިދާރީ އޮފީސްތަކާއި ތަމްރީނުދޭ މަރުކަޒު

  • މުވައްޒަފުން އަރާމުކުރާނެ ޚާއްޞަ ސަރަހައްދުތައް

ޖީޕީއެސް ނިޒާމަކުން އެމްބިއުލަންސްތައް ގުޅާލުން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދުއްވާ 6 އެމްބިއުލަންސްގެ ޚިދުމަތް ފުރަތަމަ ފަހަރަށް އެއް މަރުކަޒަކުން ބަލަހައްޓަން ފަށާނެއެވެ. މިގޮތުން ޖީޕީއެސް  މެދުވެރިކޮށް އުޅަނދުތައް ހުރި ތަންތަން ވަގުތުން ދެނެގަނެވޭނެ ޑިޖިޓަލް ޑިސްޕެޗް ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބަލިމީހާއާ އެންމެ ކައިރީގައި އޮންނަ އެމްބިއުލަންސް ފޮނުވައިދިނުން އަވަސްވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ބޭނުންކުރުމަށް ހަމަޖެހިފައިވާ އުޅަނދުތަކަކީ:

  • 4 ޕެރަމެޑިކް އެމްބިއުލަންސް (ޒަމާނީ ވަސީލަތްތަކާއެކު)

  • 2 ބަލިމީހުން އުފުލާ އެމްބިއުލަންސް

  • 1 މުވައްޒަފުން ދަތުރުކުރާނެ އުޅަނދު

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ފަރުވާދިނުން

މި ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި ތަމްރީނު ލިބިފައިވާ އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި ޑިސްޕެޗް އޮފިސަރުން، ޑްރައިވަރުން އަދި މެކޭނިކުން ހަރަކާތްތެރިވާނެއެވެ. ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާ ދީ، ހާލަތު އެއްވަރެއްގައި ހިފަހައްޓައި ފުރާނަ ސަލާމަތްކުރުމަށް މީގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް