ހިމަބިހި ޑެންގީ އަދި އިންފްލުއެންޒާއަށް ސިއްހީ ދާއިރާ ތައްޔާރުކުރުމަށް އެޗްޕީއޭއިން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން، މީސަލްސް، ޑެންގީ އަދި އިންފްލުއެންޒާ ބަލިތަކަށް ފަރުވާދިނުމާ ބެހޭ "ޓްރެއިނިންގ އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ބަލިމީހުންނަށް ކްލިނިކަލް ފަރުވާދިނުމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމާއި، ބަލިތައް މޮނިޓަރކޮށް ދެނެގަތުމުގެ އިތުރުން ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުކުރުމެވެ.

މި ޕްރޮގްރާމްގެ ސަބަބުން ތަމްރީނުވި ފަރާތްތަކަށް މުޅި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނަށް މިފަދަ ބަލިތައް މެނޭޖްކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ މަގު ފަހިވެގެންދާނެއެވެ. އެޗްޕީއޭއިން ވަނީ މި ޕްރޮގްރާމްގެ ބައިވެރިންނަށާއި، ފެސިލިޓޭޓަރުންގެ އިތުރުން ޑަބްލިޔުއެޗްއޯ މޯލްޑިވްސް، އައިޖީއެމްއެޗް އަދި ޕާޓްނަރުން އާންމު ސިއްހަތުގެ ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.  

ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް މިގެންދިޔައީ، 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މީސަލްސް ނުވަތަ ހިމަބިހި ބަލި މި އަހަރުގެ މޭ މަހުން ފެށިގެން އަލުން ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 144 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން 23 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައެވެ. ސަބަބަކީ އެ އުމުރުފުރާގެ ގިނަ ބަޔަކު ޚަޞީރު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވުމެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ޚާއްޞަ ވެކްސިން ކެމްޕޭނެއް ފަށާފައިވާއިރު، މިހާތަނަށް 7,100 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ. މި މަސައްކަތަށް އެހީވުމުގެ ގޮތުން އިންޑިއާއިން 20,000 ޑޯޒް އަދި ޔުނިސެފުން 28,000 ޑޯޒްގެ މީސަލްސް-ރުބެއްލާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް