ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު، ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރުން ހުއްޓުވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު އަމުރަށް އަމަލު ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ. އެ މައްސަލައިގައި ހިމެނޭ މުވައްޒަފަކީ، ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރަމުންދިޔަ މަޢުޞޫމާ ފާރޫގެވެ.
މިއީ، މައުސޫމާ ކުއްލި ގޮތަކަށް ވިލިމާލޭގެ ޝަރުއީ އަރުޝީފަށް ބަދަލުކުރުމުން، އެ ނިންމުމާ ޗެލެންޖުކޮށް އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ތެރެއިން އުފަންވި އިސްތިއުނާފީ މައްސަލައެކެވެ.
މައުސޫމާ ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދަނިކޮށް އަރުޝީފަށް ބަދަލުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މި މައްސަލައިގެ ތެރެއިން އެނގޭ ގޮތުގައި މައުސޫމާ، ވިލިމާލޭގައި މަސައްކަތް ކުރާ ގޮތަށް ކުއްލި ގޮތަކަށް ހަމަޖެއްސީ އޭނާ ޗުއްޓީގައި ހުއްޓައެވެ. އެއީ، އޭރުގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައި، ޑީޖޭއޭގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކުރި ދުވަސްވަރު ހިނގި ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކުއްލި ގޮތަކަށް ބަދަލުކުރުމުން މައުސޫމާ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ތަނުން ވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން ވަޒީފާ ބަދަލު ކުރި ކުރުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު ތަންފީޒު ކުރުމަށް މައުސޫމާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނިކޮށް، ޑީޖޭއޭއިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ފަށާފައިވާއިރު، މިއަދު ނެރުނު އަމުރަކުން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުމަށް އަމަލު ކުރުން މަޑުކުރުމަށް އަމުރުކޮށްފައެވެ.
މައުސޫމާއާ ދެކޮޅަށް ޑީޖޭއޭއިން ހުށަހެޅި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ޑީޖޭއޭއާ ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ. އެގޮތުން، މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ފޮނުވި އީމެއިލްގެ ކޮންޓެންޓާ ގުޅޭ ގޮތުންނާއި، ޓްރައިބިއުނަލުގެ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ބުނާއިރު އެކަމަށް ކުރީ ކޮން ކަމެއްތޯ ފަނޑިޔާރުން އެއްސެވިއެވެ. މީގެ އިތުރުން، އެ ބަދަލު ލިޔުމުން އޮތްތޯ ބެލުމަށްފަހު އެ ލިޔުން ހައިކޯޓަށް ހުށަހެޅުމަށް ވެސް ބެންޗުން އެންގެވިއެވެ.
ޑީޖޭއޭއިން މައުސޫމާ ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް ބުނުމުން، އެ ވަގުތީ ނިންމުމުގެ މުއްދަތަކީ ކޮބައިތޯއާއި، ބަދަލު ކުރުމުގެ ކުރިން މުވައްޒަފާ އެއްވެސް މަޝްވަރާއެއް ކުރިތޯ ވެސް ފަނޑިޔާރުން އެއްސެވިއެވެ.
އަދި އަރުޝީފަށް ބަދަލުކޮށް މައުސޫމާއާ ހަވާލު ކުރީ ކޮން މަސައްކަތެއްތޯއާއި، އޭނާގެ ވަޒީފާގެ ތަޖުރިބާއާއި، ތައުލީމާއި ހުނަރަށް ބަލާއިރު، ފަހުން ހަވާލު ކުރި މަސައްކަތަކީ އެ ކަންކަމަށް ރިއާޔަތްކޮށް ހަވާލު ކުރި މަސައްކަތެއްތޯ ފަނޑިޔާރުން ވަނީ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.




