އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް ފުރިހަމަކުރުމަށް ދީފައިވާ 14 ދުވަހުގެ މުއްދަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވާތީ އެކަން އެ މިނިސްޓްރީއިން ސަމާލުކަމަށް ގެނެސްފިއެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މުއްދަތު ހަމަވުމަށްފަހު، ނުނިމި ހުރި ހުރިހާ އެޕްލިކޭޝަންތަކެއް އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރެވޭނެއެވެ. އެހެންކަމުން ވިޔަފާރިތަކުންނާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ބާޠިލުވިޔަނުދީ ސަލާމަތްކުރުމަށްޓަކައި، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށް ފައިސާ ދައްކާ ނިންމުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަންތަކުގެ ތެރޭގައި ކުންފުނީގެ ނަން ރިޒާވްކުރުމަށްފަހު ފައިސާ ނުދައްކާ ހުރި ހުށަހެޅުންތަކާއި، ނަން ރިޒާވްކުރުމަށްފަހު ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް ހިމެނެއެވެ. މީގެ އިތުރުން، ރަޖިސްޓްރީކުރަން ފޯމު ހުށަހަޅައި ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ބަދަލުކުރުމަށް ހުށަހަޅައި ފުރިހަމަނުކޮށް ނުވަތަ ފައިސާ ނުދައްކާ ހުރި ހުރިހާ ހުށަހެޅުންތަކެއް ވެސް މިއަދުގެ ނިޔަލަށް ނިންމަންޖެހެއެވެ.
މި އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3333188 ނުވަތަ 3333169 އަށް ގުޅުމަށް ވަނީ އެދިފައެވެ. އަދި business@1500help.mv އަށް އީމެއިލް ކޮށގެން ވެސް މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވޭނެ ކަމަށް މިނިސްޓްރީން ބުނެެެއެވެ.




