އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އެހީތެރިވުމުގެ ގޮތުން ތަޢާރަފުކުރި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ބަރސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި "ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޢާރަފުކުރި މި ފެސިލިޓީއަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.
މި ފެސިލިޓީގެ ދަށުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ފުޅާކޮށް، ބޭނުންވާ ރައުސްމާލު ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ބީއެމްއެލްއިން އަލަށް ޚިދުމަތްދޭން ފެށި 7 ބްރާންޗެއް ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އެ ބްރާންޗްތައް ހުޅުވާފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި، އަދި ލ. މާވަށުގައެވެ. މި ބްރާންޗްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅެއްގައި ޖުމްލަ 55 ބްރާންޗަކުން ޚިދުމަތް ދެމުންދާއިރު، މީގެ ތެރޭގައި ފާއިތުވި ދެ އަހަރުތެރޭ ހުޅުވި 17 ބްރާންޗް ހިމެނެއެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
މީގެ އިތުރުން، ސައްތައިންސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ "ސްވައިޕް" މެދުވެރިކޮށް ބައިނަލްއަޤުވާމީ އެކައުންޓްތައް ހުޅުވުމުގެ ޚިދުމަތްވެސް މިއަދު ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. ބީއެމްއެލްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބު އިފްތިތާޙްކޮށްދެއްވި މި ޚިދުމަތުގެ ސަބަބުން، ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އެކައުންޓްތައް ފަސޭހަކަމާއެކު ހުޅުވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ޒުވާނުން ބާރުވެރިކުރުވައި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީގެ) 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުން ލިބޭ އާމްދަނީއަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ލަނޑުދަނޑި ޙާޞިލުކުރުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



