މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ނުވަދިހަ ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ސީނު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވާ ސީނު މަރަދޫފޭދޫ އުއްމީދު ކިޔާ ގެއެއްގެ ތެރޭގައި ތިއްބައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސީނު މަރަދޫފޭދޫ އުއްމީދީވިލާ، އަހުމަދު ޝަރަތާއި، ސީނު މަރަދޫފޭދޫ ފަރިވިލާ، އާއިޝަތު ސަލީމެވެ. އުމުރުން ބައްތިރީސް އަހަރުގެ ޝަރަތާއި ތިރީސް ހަތް އަހަރުގެ އާއިޝަތު ސަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ ތޭރަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުން ފަނަރަ ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސީނު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަވަށު އުއްމީދު ގެ ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަނަރަވަނަ ދުވަހުއެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްދައެއް ނެތި ވަދެނިކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެހެންކަމުން އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.



