ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބޭއްވި "ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލް އަކީ ދިވެހި އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، ބޭންކުގެ ތަސައްވުރު ކިލަނބުކޮށްލުމަށް ހިންގާ މިފަދަ ކަންކަމުން މުޅި މާލީ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ޑޮލަރުގެ ޤާބިލުކަމެއް ނެތް ކަމަށާއި، ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި ސިފަކޮށް ދެކެވޭ ވާހަކަތަކަށް ސީއީއޯ ވަނީ ހިސާބުތަކުން ޖަވާބުދެއްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ކާޑު މުޢާމަލާތްތަކަށާއި ވިޔަފާރިތަކުގެ ޓީޓީތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް ދޫކުރީ 21 މިލިއަން ޑޮލަރު ކަމަށްވީ ނަމަވެސް، މިއަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ބޭންކުން ބޭރުކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ޑޮލަރު ލިބޭ މިންވަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުން އެކަން މެނޭޖްކުރުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބޭންކުން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދެމުންނެވެ.
"ރަށްރަށުގައި އޭޓީއެމްތަކާއި ބްރާންޗުތައް ގާއިމުކުރީ އެރަށްރަށުގެ ރައްޔިތުން މެދުނުކެނޑި އެ ޚިދުމަތްތައް ބޭނުންވާކަމަށް ބުނަމުންދާތީ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ތިބޭ ފަރާތްތަކަށްވެސް ބޭންކިންގެ ޚިދުމަތްތައް ލިބެންޖެހޭ. އެއީ ބޭކާރު އިންވެސްޓްމެންޓެއްނޫން. އެއީ ބޭންކުގެ ޒިންމާއެއް." — ބީއެމްއެލް ސީއީއޯ، މުޙައްމަދު ޝަރީފް
މީގެ އިތުރުން، އަތޮޅުތެރޭގެ އޭޓީއެމް ޚިދުމަތަކީ ބޭކާރު ޚަރަދެއް ނޫން ކަމަށާއި، އެއީ މާލެއެކޭ އެއްފަދައިން ހުރިހާ ރައްޔިތުންނަށް މާލީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން އުފުލަންޖެހޭ ޒިންމާއެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ބޭންކުން ޤައުމުގެ ތަރައްޤީއަށް ދޭ އެއްބާރުލުން ހާމަކޮށްދެއްވަމުން އޭނާ ވިދާޅުވީ، މިދިޔަ އަހަރު ޖުމްލަ 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯނު ދިވެހި ވިޔަފާރިތަކަށާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ބީއެމްއެލްއިން ވަނީ ދޫކޮށްފައެވެ.



