މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ކަމުގެ ތުހުމަތުގައި މާފަންނު އަވަށުގެ ގެއެއްގެ ބައެއް ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ މ. ލޭންޑްއޮފްގާޑަންގެ ބައެކެވެ. އެ ތަން ބަންދުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަވަނަ ތަނެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ހ. ގުންޒަރު ތިން މަސް ދުވަހަށް ބަންދުކުރުމަށެވެ. އޭގެ ފަހުން ބަންދުކޮށްފައިވާ އެހެން ތަންތަނުގެ ތެރޭގައި މެއި މަހުން އޮގަސްޓު މަހަށް ބަންދުކުރި މ. ތަރިވިލާގެއާއި، ޖޫން މަހުން ސެޕްޓެމްބަރު މަހަށް ބަންދުކުރި މ. އަމީރާމަންޒިލްގެ ބައެއްގެ އިތުރުން މއ. ސެވަން އެންޑް ހައުސް ހިމެނެއެވެ. މީގެ އިތުރުން ހ. ކަނޑުފިނިގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއް ވެސް ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މުއްދަތުގައި ހުއްދައެއް ނެތި އެ ތަންތަނަށް ވަދެނިކުމެ އުޅުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެގޮތުން ހުއްދައެއް ނެތި ވަދެނިކުންނަ ފަރާތްތަކަށާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް މަސްތުވާތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ. އެގޮތުން އައްޑޫ މަރަދޫފޭދޫ އުއްމީދުގެ ނުވަދިހަ ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް މިދިޔަ ޖޫން މަހުގެ ފަނަރަވަނަ ދުވަހު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފައިވެއެވެ.




