ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މިހާރު ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އަމީޒާގެ ނަން ފާސްވީ 64 މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ.
މި މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ ފާތިމަތު އަމީޒާގެ އިތުރުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲގެ ނަމެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މި ދެ ބޭފުޅުން އިންޓަވިއުކުރުމަށްފަހު، ދެ ބޭފުޅުންނަކީ ވެސް މަގާމަށް ގާބިލް ބޭފުޅުން ކަމަށް ނިންމާފައިވާއިރު، ކޮމިޓީ މާކްސްގެ ގޮތުގައި އަމީޒާއަށް 92% އަދި ޙަލީމަށް 82% ލިބިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ވޯޓަށް އެހި އަމީޒާގެ ނަން ފާސްވުމާ ގުޅިގެން، ޙަލީމްގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް ވަނީ މި ދެ ބޭފުޅުންނަކީ ވެސް މަގާމަށް ނުހަނު ގާބިލް ދެ ބޭފުޅުންކަން ފާހަގަކުރައްވާފައެވެ.
އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަމީޒާ މި މަގާމަށް އައްޔަންކުރަން ފާސް މިވީ، ކުރިން އެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމު ހުސްވުމުންނެވެ.




