ނައިވާދޫ ބަނދަރުގެ %50 މަސައްކަތް ނިމިއްޖެ

ހދ. ނައިވާދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބޮޑު މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތަކާއި، އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން، އޮޑިދޯނިފަހަރު އެޅުމަށް ބޭނުންކުރާ ރޭންޕާއި ބަލިމީހުން އަރާފޭބުމަށް ޚާއްޞަކޮށްގެން ހަދާ ޕްލެޓްފޯމްގެ އަމަލީ މަސައްކަތްތައްވެސް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މިހާރު ބާރުލާފައި ކުރިއަށްދަނީ ކޮންކްރީޓް ޖެޓީގެ ތަނބުތައް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ. ސަރުކާރުން 47.5 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 41,600 އަށްވުރެ ގިނަ ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ ފަޅުގެ ތެރެއިން 15,320 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ރަށުގެ ބަނދަރަށް ދިމާވެފައިވާ ރާޅުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 300 މީޓަރުގެ ބޭރުތޮށިލުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2,087 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. ބަނދަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި 10 މީޓަރު ދިގު، 9 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި، 95 މީޓަރު ދިގު ދެ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށް މޫރިން ބޮއެ ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މި ބަނދަރު ނިމުމުން ނައިވާދޫ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް