9 ކެފޭއެއް ރެއިޑްކޮށް، 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މާލޭގެ 9 ކެފޭއެއް ރެއިޑްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން، އިމިގްރޭޝަން ޓާސްކް ފޯހުން އިއްޔެވަނީ މާލޭގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ އަދި މަސައްކަތްކުރާ ތަންތަން ހޯދުމަށް ހިންގި މި އޮޕަރޭޝަނުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި 9 ކެފޭއެއް ވަނީ ކުއްލި ގޮތަކަށް ބަލައި ފާސްކޮށްފައެވެ. މި ރެއިޑް އޮޕަރޭޝަނުގެ ތެރެއިން، ވިސާގެ މުއްދަތު ހަމަވެފައިވާ އަދި ހުއްދަ ނެތި ރާއްޖޭގައި އުޅެމުންދިޔަ 10 ބިދޭސީއަކު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ބިދޭސީން ވަޒީފާ އަދާކުރާ ތަންތަން ދެނެގަތުމަށް ހިންގޭ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.

އަތުލައިގަނެވުނު ބިދޭސީންނާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް