ވިލިމާލޭގެ ކުޅިވަރުގެ މާހައުލު ކުރިއެރުވުމަށާއި، ދިވެހި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވިލިމާލޭގައި އަލަށް ތަރައްގީކުރި ބަށި ކޯޓު ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު އިސްމާއީލްގެ އިތުރުން، މިނިސްޓްރީގެ އިސްވެރިންނާއި ވިލިމާލޭގެ ގިނައަދަދެއްގެ ރައްޔިތުން، ޚާއްސަކޮށް އަންހެން ކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ބަށި ކޯޓަކީ ހަމައެކަނި ކުޅިވަރު ކުޅޭނެ ތަނެއް ނޫން ކަމަށާއި، މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އަދި ދިވެހިވަންތަ ކުޅިވަރުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިބުނު މުހިންމު ބާރެއް ކަމަށެވެ.
އަލަށް ހުޅުވުނު މި ބަށި ކޯޓަކީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ބައްތި (ލައިޓް) ހަރުކޮށް، ކުޅުންތެރިންނަށް ފަސޭހަވާނެހެން ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ކޯޓެކެވެ. މިއީ ވިލިމާލޭގެ ރައްޔިތުން، ޚާއްސަކޮށް ބަށި ކުޅުންތެރިން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރ މުޙައްމަދު އިސްމާއީލް ވަނީ ރައްޔިތުންގެ މި އެދުން ފުއްދަވައިދެއްވި ކަމަށްޓަކައި ކުޅިވަރާ ބެހޭ މިނިސްޓްރީއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ވިލިމާލޭގެ ކަނބަލުންގެ މެދުގައި ކުޅެވުނު ފޯރިގަދަ ބަށި މެޗަކުންނެވެ.




