ސައުދީއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ޚާރިޖީ ވުޒާރާ) އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައި ކަމަށެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާއަށް އިސްކަންދިނުމުގެ މުހިންމުކަން ވެސް ޚާރިޖީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިހުތިރާމް ކުރުމަށް ރާއްޖެއިން އަބަދުވެސް ގޮވާލާ ގޮވާލުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް