ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އިގްތިސާދީ ގޮތުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.
ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވި ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ކުރިއަށްދާނެއެވެ. އެގޮތުން މި އަހަރުގެ ރަސްމީ ޖަލްސާ އޮންނާނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.



