ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ހައުސިން މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މަހުގެ 8 ވަނަ ދުވަހު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، "ޑިޒައިން އެންޑް ބިލްޑް" އުސޫލުން މި މަޝްރޫއު ކުރިއަށްގެންދަން ޝައުގުވެރިވާ ވިޔަފާރިތަކަށް މިހާރު ވަނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް ޑިޒައިން ކުރުމަށް 5 މަސްދުވަސް ލިބޭއިރު، އެ ކުންފުނިން ޑިޒައިން ފާސްކުރާ ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިންމަންޖެހެއެވެ.
މި މަޝްރޫއަށް އެޗްޑީސީން ދޫކޮށްފައިވަނީ 20،000 އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އެ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ޓެރަހާއެކު 15 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިން އޭރިއާއަކަށް ޚާއްސަކުރާއިރު، އެންމެ ތިރީ ބުރިއާއި ފުރަތަމަ ބުރި ބޭނުންކުރާނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ ޖާގަތަކެއްގެ ގޮތުގައެވެ. އަދި އިމާރާތުގެ ތިންވަނަ ބުރިން ފެށިގެން 14 ވަނަ ބުރިއާ ހަމައަށް ޚާއްސަކޮށްފައިވަނީ މުވައްޒަފުންގެ އެޕާޓްމަންޓްތަކަށެވެ.



