ވިލިމާލޭގެ ޕާކެއްގެ ތެރޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މި ގަސް ކަނޑާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ (އެކްސް) ގައި އާންމުވުމާ ގުޅިގެން، ކައުންސިލުން ބުނީ އެކަން ކުރީ އެ ކައުންސިލުން ނޫން ކަމަށާއި އެކަން ކުރި ބަޔަކު ހޯދަމުންދާ ކަމަށެވެ.
ނަމަވެސް، އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ކައުންސިލްގެ ވާހަކައާ ފުށުއަރާ ކަންތައްތަކެއް ވަނީ ފެނިފައެވެ. އެގޮތުން، އެ ސަރަހައްދުގެ މަގު ބަންދުކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ކަމުގެ ބޯޑެއް ޖަހާފައި ހުއްޓާ ފެންނަން ހުއްޓެވެ. އަދި ފުލުހުން މަގު ބަންދުކުރަން ބޭނުންކުރާ ޓޭޕާއި ކޯން ޖަހާފައި ހުރިއިރު، އެ ގަސް ކެނޑުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ ވެމްކޯގެ މުވައްޒަފުންކަން ވެސް އެ ފޮޓޯތަކުން ސާފުކޮށް އެނގެއެވެ.




