ހަމައެކަނި ތާރުއެޅުމެއް ނޫން، އަމާޒަކީ ތިމާވެއްޓާ ރައްޓެހި ފެހި މަގުތަކެއް ބިނާކުރުން: އެމްޓީސީސީ

އުމްރާނީ ބޮޑެތި ބަދަލުތަކާއެކު މާލޭގެ ތޮއްޖެހިފައިވާ މާހައުލަށް ތާޒާކަމާއި ފިނިކަން ގެނެސްދިނުމުގެ ގޮތުން، އެމްޓީސީސީއިން އިސްނަގައިގެން  ބޮޑުތަކުރުފާނު މަގުގައި ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް ވަރަށް ކުރިއަށް ގެންގޮސްފިއެވެ.

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއު ގެ ދަށުން ކުރިއަށްދިޔަ މި ހަރަކާތަކީ، ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ފެހި، ހިތްފަސޭހަ އަދި ދެމެހެއްޓެނިވި މާހައުލެއް ބިނާކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޓީސީސީއިން ފާހަގަކުރެއެވެ.

މި ހިތްގައިމު ހަރަކާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެން، އަމިއްލަފުޅަށް ގަސް އިންދެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެބޭފުޅުންގެ އިތުރުން، އެމްޓީސީސީގެ ތަފާތު އެކި ޑިވިޜަންތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ އެކުވެރިކަމާއި ޖޯޝާއެކު މި ފެހި ހަރަކާތުގައި އަތްގާތްކޮށްދީފައެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ މަގު ފެހި ކުރުމުގެ ޕްޮރޮގްރާމްގެ ތެރެއިން

އިއްޔެގެ މި ހަރަކާތުގެ ތެރެއިން މަގުގެ ދެފަރާތާއި މެދުޒޯންތަކުގައި ތަފާތު ވައްތަރުގެ ރީތި މާގަސްތަކާއި، ހިޔާދޭނެ ފެހި ގަސްތައް ވަނީ އިންދާފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ އަމާޒަކީ ހަމައެކަނި ތާރުއަޅައި، ކޮންކްރީޓް މަގުތަކެއް ހެދުމެއް ނޫނެވެ. އޭގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި އަދި ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ ފަދަ ފެހި އާންމު ހުސްޖާގަތައް އުފެއްދުމަކީ އެ ކުންފުނިން އަބަދުވެސް ދޭ ހާއްސަ އިސްކަމެކެވެ.

މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ހަމައެކަނި ދަތުރުފަތުރަށް ހުޅުވިފައިވާ މަގަކަށް ނޫނެވެ. އެއީ މާލޭގެ ހަލަބޮލި ދިރިއުޅުމުގެ ތެރެއިން ހިތްހަމަޖެހުމާއި، ފެހިކަމާއި، ސާފު ވައި ލިއްބައިދޭނެ ހާއްސަ މާހައުލަކަށެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ މަގު ފެހި ކުރުމުގެ ޕްޮރޮގްރާމްގެ ތެރެއިން

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ވަނީ ނިމުމަކާ ވަރަށް ގާތަށް ގޮސްފައެވެ. މަގުގެ ވެހިކަލް ދުއްވާ ބައިގައި ތާރު އެޅުމުގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، މަގުގެ ޑްރެއިނޭޖް ނިޒާމް (ފެން ހިންދާ ނިޒާމު) ގާއިމުކުރުމާއި، މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަހު މަރުހަލާގައެވެ. ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، ޖުލައި 26އަށް މަގު  އާންމުންނަށް ބޭނުންކުރަން ހުޅުވާލެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް