ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގޮސް، މިހާރު މުޅި މަޝްރޫއުގެ 80.33 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓްދެމުން އެމްޓީސީސީއިން ބުނީ  މިހާރު ކުރިއަށްދަނީ ބަނދަރަށް ވަންނަ ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި ހަދާ ބޭރުތޮށި (ބްރޭކްވޯޓާ) ފުންކޮށް، ވެލިއަޅައިގެން ބޭރުތޮށީގެ ޕްރޮފައިލިންގ ނުވަތަ ބައްޓަން ކަނޑައެޅުމުގެ މުހިންމު މަސައްކަތްތަކެވެ.

މި މަޝްރޫއަކީ ގަމުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ އުމްރާނީ ބޮޑު އިންވެސްޓްމަންޓެކެވެ.

އެމްޓީސީސީއިން މައުލޫމާތުދޭ ގޮތުގައި، ކުރިއަށް އޮތް ކުޑަދުވަސްކޮޅުތެރޭގައި ތެރޭގައި ބާކީ ހުރި މަސައްކަތްތައް އެއްކޮށް ނިންމާލައި، ރައްޔިތުންގެ ބޭނުންތަކަށް ބަނދަރު ހުޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް