ކަނޑުއޮތްގިރީގައި މިފްކޯއިން ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މާލެ ސަރަހައްދުގެ ބާޒާރަށް ދިމާވެފައިވާ މަހުގެ އުފެއްދުންތަކުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިފްކޯއިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ޒަމާނީ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން އެ ރަށުގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، މި ހުޅުވުނު އައު ކާރުޚާނާއަކީ ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ. މީގެ އިތުރުން މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއް ވެސް އެ ރަށުގައި ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ކާރުޚާނާ އިތުރަށް ފުޅާކޮށް، ދިވެހިންގެ މެދުގައި މަގުބޫލު ރިހާކުރާއި މުގުރިމަސް ފަދަ އިތުރު ބާވަތްތައް ވެސް އެތަނުގައި ތައްޔާރުކުރަން ފަށާނެއެވެ.

މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެއަށް ތަކެތި ގެނައުމުގައި ދިމާވި ލޮޖިސްޓިކްސްގެ ބޮޑެތި ގޮންޖެހުންތަކާ ހުރެ، މާލޭގެ ފިހާރަތަކުން މުދާ ހުސްވުމުގެ ޝަކުވާ ވަރަށް ގިނައިން ލިބުނެވެ. ނަމަވެސް، މާލެއާ ކައިރީގައި އޮތް ކަނޑުއޮތްގިރީގެ އޮޕަރޭޝަނާއެކު މި ދަތިތަކަށް ބޮޑު ލުޔެއް ލިބި، މާލެ ސަރަހައްދުގެ ބާޒާރަށް އަބަދުވެސް ތާޒާ އުފެއްދުންތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެއެވެ.

ކަނޑުއޮތްގިރީގައި އައިސް ޕްލާންޓާއި މަސް ކާރުހާނާ ހުޅުވަނީ. --- ފޮޓޯ: މިފްކޯ

މި ބަދަލާއެކު ކޫއްޑޫގެ އުފެއްދުންތައް ދެން ހާއްސަކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި، މިއީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކޮލިޓީ ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ކުރީކޮޅު މިފްކޯއާ އަލުން ހަވާލުކުރި ކަނޑުއޮތްގިރީގެ މި އައު މަޝްރޫއަކީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކަށް ފެތޭނޭހެން، ބޭނުންވާ ހުރިހާ ހުއްދަތަކެއް ނަގައިގެން ފެށި މަސައްކަތެކެވެ. މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކޮށް، ގައުމީ ބާޒާރަށް ހާއްސަ ލޯކަލް ޕްރޮޑަކްޝަން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، އެ ރަށުގައި މިހާރު ތަރައްގީކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްތައް މުޅިން ނިމުމުން، ކަނޑުއޮތްގިރި ވެގެންދާނީ ރާއްޖެއިން ބޭރަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މައިގަނޑު އެއް ހަބަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް