ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޗީފް ސްޓެޓިސްޓީޝަންއަކީ 2021 ވަނަ އަހަރު ފާސްކޮށް ގެޒެޓުކުރި ތަފާސްހިސާބުތަކުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ އިސް ވެރިޔާއެވެ. އަދި އެ މަގާމުގައި ހުންނަވާ ބޭފުޅަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބިގެންވާ ބޭފުޅެކެވެ. މި މަގާމަށް އެންމެ ފުރަތަމަ ބޭފުޅަކު އައްޔަނުކުރީ އޯގަސްޓު 21، 2021 ގައެވެ. ފަސް އަހަރުގެ ދައުރެއް އޮންނަ މި މަގާމުގައި މިވަގުތު ހުންނެވީ އާއިޝަތު ހަސަންއެވެ.
މި މަގާމަށް އައްޔަނުކުރެވޭނީ އުމުރުން 35 އަހަރު ފުރިފައިވާ، އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ، އަދި ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވާ މީހުންނަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ނުވަތަ އިންތިހާބީ މަގާމެއްގައި ހުރި މީހަކު މަގާމަށް އައްޔަނުކުރަން ނިންމައިފިނަމަ، މަގާމާ ހަވާލުވުމުގެ ކުރިން ޕާޓީން ވަކިވެ، ފުރަމުންދާ މަގާމުން އިސްތިއުފާ ދޭންޖެހެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ކުރިމަތިލާ ފަރާތްތަކަކީ ތަފާސްހިސާބުގެ ރޮނގުން ނުވަތަ އިކޮނޮމިކްސް، ޑެމޮގްރަފީ ނުވަތަ ހިސާބު އިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ކުރިމަތިލާ މީހުންގެ ތެރެއިން މި މަގާމަށް ބޭފުޅަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.



