ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ހަނިމާދޫގެ އަމިއްލަ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއާއި ހިރިމަރަދޫ ރައްޔިތުންނަށްޓަކައި ހަނިމާދޫގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅުވައިނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން ދެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް ވީހާވެސް ބާރަށް ކުރިއަށް ގެންދަން ރަށު ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހަނިމާދޫގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިން ހުއްޓިފައި އޮތީ ކޯޓަށް މައްސަލައެއް ހުށަހެޅުމާއި އެޑްވާންސް ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނެވެ.
ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫއަކީ މިހާރު މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. އެ ރަށުގެ 293 ރައްޔިތުން ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވަނީ ހަނިމާދޫއަށް ކަމަށްވާއިރު، ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރަށުގެ ހުރިހާ ޚިދުމަތްތަކެއް ވެސް މިހާރު ވަނީ ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ދޮޅު އަހަރު ތެރޭގައި ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުށްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން ހުޅުވާލި ނަމަވެސް، އެއީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް އެނގިފައިވެ އެވެ.




