ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ބާއްވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމް މިއަދު ފަށައި، ބައްދަލުވުމަށް އެދުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލައިފިއެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މިއީ އާންމުންނަށް ރައީސާ ބައްދަލުކުރުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން ފެށި ޚާއްސަ ހަރަކާތެކެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، އައްޑޫ ހުޅުދޫ ދާއިރާ އަދި ހޯރަފުށި ދާއިރާގެ ރައްޔިތުންނަށެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ނަން ހުށަހެޅުމުގެ ފުރުސަތު މި ހަފުތާގެ ބުދަ ދުވަހުގެ ދަންވަރު 12:00 އާ ހަމައަށް އޮންނާނެއެވެ.
މި ޕްރޮގްރާމްގެ އުސޫލުގައިވާ ގޮތުން، އެހެން ގޮތަކަށް ނާންގާހާ ހިނދަކު ބައްދަލުވުންތައް ކުރިއަށްދާނީ ރައީސް އޮފީހުގައެވެ. ބައްދަލުވުމުގައި ބައިވެރިވެވޭނެ ރައްޔިތުންގެ ތަރުތީބާއި، ބައްދަލުވުން ބާއްވާނެ އަދަދާއި ވަގުތުތައް ކަނޑައަޅާނީ ރައީސް އޮފީހުންނެވެ. ބައްދަލުވުމަށް އެދޭއިރު ވާހަކަދައްކަން ބޭނުންވާ މައުޟޫއު ހާމަކުރުން ނުވަތަ ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާއިރު، ބައިވެރިންނަށް އަމިއްލަ ވާހަކަތަކާއި، ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން އާންމު މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާ ކުރެވޭނެއެވެ.
މި ބައްދަލުވުންތަކުގައި ކޮންމެ ފަރާތަކަށް ވެސް ވާހަކަދައްކަން ގިނަވެގެން ލިބޭނީ 10 މިނެޓުގެ ވަގުތެކެވެ. އަދި ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އަމިއްލައަށް ރިކޯޑުކުރުމަކީ މަނާ ކަމެކެވެ.
މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް މުޢިއްޒު ވަނީ ވަކިވަކި ދާއިރާތަކުން ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމުގެ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަން އިއުލާނުކުރައްވައިފައެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރަށްރަށަށް ޒިޔާރަތްކުރައްވައި ރަށު ކައުންސިލުތަކާ ބައްދަލުކުރެއްވުމުގެ އިތުރުން، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ވެސް ބައްދަލުވުންތައް ބާއްވަވައިފައެވެ.



