ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދު (24 އަހަރު) އެވެ.
އޭނާ ނިޔާވީ ބައްޔަށް ޕޮޒިޓިވްވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ އިމިއުން ސިސްޓަމް ކޮމްޕްރޮމައިޒްވެފައިވާ، ނުވަތަ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި މަސައްކަތްކުރާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ފަރާތެކެވެ.
ރާއްޖެއަކީ ހިމަބިއްސާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދާތީ، އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ކަމާބެހޭ ސިއްހީ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.




