އައްޑޫ ސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ކަމުގެ (ޑްރަގް ކެފޭ ހިންގާ ކަމުގެ) ތުހުމަތުގައި އެ ރަށުގެ ގެއެއް މިއަދުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ މިފަދަ ތަނެއް ބަންދުކުރުމަށް މަރަދޫ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުމެ އުޅުމަކީ ގާނޫނީ ކުށެއްކަން ހަނދާންކޮށްދީ، އެފަދަ ފަރާތްތަކާ އަދި އެ ތަންތަނަށް ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް، މިފަދަ އިތުރު ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދެ ގެއެއް އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވެސް މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ވަކި މިންވަރަކަށް ވުރެ އިތުރަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިއަހަރު ވަނީ އަމަލުކުރަން ފަށާފައެވެ.



