މާލޭގައި ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، އެއް މަސްދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން މިއަދު އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ގުދަންކޮށްގެން ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް މި ވިޔަފާރި ކުރާ ފަރާތްތަކުން ވަގުތުން ފިޔަވަޅުތައް އިސްލާހުކުރުމަށް ވަނީ އަންގާފައެވެ.
ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ އެ ވުޒާރާއަށް ހުށަހަޅައިގެން ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށާއި، މި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ކެމިކަލް ވިއްކުމަށްޓަކައި އެ ތަކެތި ބަހައްޓާ ފިހާރަ ނުވަތަ ގުދަން، ސަރުކާރުގެ މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. ހުއްދަ ދޫކުރާނީ ކެމިކަލް ބަހައްޓާ ތަން އިންސްޕެކްޓު ކުރުމަށްފަހު، އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި ކެމިކަލް ލީކުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ނިޒާމެއް ގާއިމުކޮށްފައިވޭތޯ ބެލުމަށްފަހުގައެވެ.
މާލޭގައި ސިއްރުން ނުވަތަ ސަލާމަތީ މިންގަނޑުތަކާ ހިލާފަށް ކެމިކަލް ގުދަންކުރުމުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން ދެހާސް ނަވާރަ ވަނަ އަހަރު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރިއެވެ. ނަމަވެސް އޭގެ ފަހުން ވެސް، ދެހާސް ތޭވީސް ވަނަ އަހަރު ލިލީ މަގުގައި ގަވާއިދާ ހިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ފެނިގެން ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެތަން ބަންދުކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ދީފައިވާ އެއް މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ހުއްދަ ނުހޯދައި އަދި މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު، ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހޯދުމަށް ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



