ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިގު އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލަކަށް، އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.
މަޖިލީހުގައި އާންމުކޮށް އައްޑޫ ބަހުރުވައިން ވާހަކަދައްކަވާ ޞާދިގު މީގެކުރިން ހެލްތު މިނިސްޓަރު ގީލާ އަލީއާ ކުރެއްވި ސުވާލުތައް ދޭހަނުވެގެން ޖަވާބު ނުލިބުނު ނަމަވެސް، މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު ވަނީ އޭނާގެ ސުވާލަށް ހުވަދޫ ބަހުރުވައިން ރައްދު ދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި ޞާދިގު ސުވާލުކުރެއްވީ އައްޑޫ ރައްޔިތުންނަށް ފެނަކައިގެ ފެން ޕްލާންޓުން ބޯފެން ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި، ހިތަދޫ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އޭނާ އެދިވަޑައިގަތީ އެ ފެނުގެ މައްސަލަ ހައްލުވެ ގަވާއިދުން ފެން ލިބެން ފަށާނީ ކޮންއިރަކުންތޯ އަދި ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަލުން ފަށައި ނިމޭނީ ކޮންއިރަކުތޯ ސާފުކުރުމަށެވެ.
މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަމުން ވިދާޅުވީ ފެނަކައާ ގުޅިގެން ކޮށްފައިވާ ފެނުގެ މަސައްކަތަކީ ޞާދިގު ކުރިން ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް ޞާދިގު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ހުވަދޫ ބަހުރުވައިން މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ވީހާވެސް އަވަހަކަށް ފެނުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.




