ބަހްރައިންގެ ސަފީރަކަށް އަހްމަދު ސަރީރު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ބަހްރައިންނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް، ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަދި އޯއައިސީގެ ދާއިމީ މަންދޫބު އަހްމަދު ސަރީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރީރު އެ މަގާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅު އިއްވައިފައެވެ. އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ނަންފުޅު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ހުށަހެޅުމާ ގުޅިގެން ރިޔާސަތުން ވަނީ، އަހްމަދު ސަރީރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

އަހްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ދިގު މުއްދަތެއްގެ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމުގެ އިތުރުން، އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް ފުރުއްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް